ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އިޞްލާޙުގެ ޭއެޖެންޑާއަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ތަޢުރީފު ކޮށްފިއެވެ.
ދުބާއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައި، އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ރައީސް މުޢިއްޒުއާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ސިޔާސަތުތަކަށް ތަޢުރީފު ކުރެއްވިއެވެ.
އަދި އިޤްތިޞާދީ ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސް ދެއްވާ އަހައްމިއްޔަތު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިޞްލާޙުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އަދި 2023 ނޮވެމްބަރ 17 ގައި އާ ސަރުކާރު ވެރިކަމަށް އައިއިރު ދިވެހިރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގެ މައްޗަށްވެސް އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރު އަލިއަޅުވާލެއްވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ޙާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
އަދި ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ފާހަގަ ކުރެއްވިއެވެ.
މިގޮތުން ރައީސް މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށްޓަކައި ތައުރީފު ކުރެއްވިއެވެ.
ހަމަ އެއާއެކު ރައީސް މުޢިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިޤްތިޞާދީ އިޞްލާޙުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަޢުރީފު ކުރައްވައި، ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.