ސަރުކާރުން ގެންގުޅޭ ތަރައްޤީގެ ތަސައްވުރުގައި އާ ގޮތްތަކާއި އީޖާދުތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޔޫއޭއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ތަޤުރީރު ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތަކެއް ޤާއިމު ކުރަން ނިންމާފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ އަރބަން ސެންޓަރުތަކަކީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ހިންގާ ސެންޓަރުތަކެއް ކަމަށެވެ.
މިއަދުގެ ދުނިޔޭގައި އަރޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ޓެކްނޮލޮޖީއެއްކަމަށް ވިދާޅުވެ، ރައީީސް ވަނީ ސަރުކާރުގެ އަމާޒަކީ އަރޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އިޤްތިޞާދު ފުޅާކޮށް، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުންކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީކުރުމަށް އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ”ރަސްމާލެ“ އަކީ ރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ ”ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް“އެވެ.