ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކަށް ފައިދާ ލިބުން އަވަސް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ޔޫއޭއީގައި ފަށައިގެން ކުރިއްށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގައި 190 ކުންފުންޏަކުން ބައިވެރިވާއިރު، މިނިސްޓަރު ސަޢީދު ވިދާޅުވީ، މިކަމުން ހާމަވެގެންދަނީ އިންވެސްޓަރުންގެ ޔަޤީންކަމާއި އިތުބާރު ރާއްޖެއަށް އޮތް މިންވަރު ކަމަށެވެ.
ރާއްޖެއަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ތަނެއްކަން ރެކޯޑްތަކުން ހާމަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުން އަވަހަށް ފައިދާ ލިބޭ ޤައުމެއްކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓްމަންޓްތަކުން ކުރާ ހޭދާ އަނބުރާ ލިބުން އެހެން މަންޒިލްތަކަށްވުރެ އަވަސްކަމަށާއި، އިންވެސްޓް ފޯރަމްގައި ތިބި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގިނަ އިންވެސްޓަރުންވެސް އެކަމަށް އެއްބަސްވާނެކަމަށް ސައީދު ވިދާޅުވިއެވެ.
