ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. މީދޫ، ހަސަންކާރިގެ ޙުސްނުއްސުޢޫދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއްސުޢޫދު މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.
ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި ހުވައިގެ އިޤްރާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދާ ޙަވާލުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ.
