ރޯދަ މަސް ފެށުމުގެ ކުރިން، ޤާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުން ގޮތުގައި ގެންގުޅޭ ދިވެހީންނަށް ރޯދަ މަހުގެ އިނާޔާތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

މިކަމަށް އިލްތިމާސް ކުރީ، އެ އޮތޯރިޓީން ކުރި އިޢުލާނެއްގައެވެ.

އެ އިޢުލާުގައިވާ ގޮތުން، ޤާނޫނު ނަންބަރު 2/2008، ވަޒީފާ އާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާ ކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔާތުގެ ގޮތުގައި ރޯދަ މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ވާނެ ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔާތް ދިން ކަމުގައި ވިޔަސް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ މިންވަރަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެހެންކަމުން ވަޒީފާގައި ގެންގުޅޭ އެންމެހާ ފަރާތްތަކުން ވެސް ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 1445 ވަނަ އަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމަށް ހަނދުމަކޮށްދޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ރޯދަ މަހުގެ އިނާޔާތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ހަނދާންކޮށްދީފައިވާ އިރު، މިއަހަރުގެ ރޯދަ މަސް ފެށެން މި ވަނީ މަހަކަށް ވުރެ ކުޑަތަން ވެފައެވެ. އަންނަ މަހުގެ 11 ވަނަ ދުވަހަކީ 1445 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައިވެއެވެ.