މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވި 381 ކެންޑިޑޭޓުންގެ ތެރެއިން، ނުވަ ކެންޑިޑޭޓެއްގެ ފޯމު ބާތިލުކޮށްފައިވާ ކަމަށާއި ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންތިޚާބާ ބެހޭ މަރުކަޒުގައި އިއްޔެ ވަނީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައެވެ.

ޙަބީބު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަ ކުރައްވާނެ ކަމަށެވެ. އެއީ 42 އަންހެން ކެންޑިޑޭޓުންނާއި 326 ފިރިހެން ކެންޑިޑޭޓުންނެވެ.

މަޖިލިސް އިންތިޚާބަށް 84 ކެންޑިޑޭޓުން، ޕީއެންސީން 89 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސްއިން 39 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން، އަދާލަތު ޕާޓީން ހަތަރު ކެންޑިޑޭޓުން، އެމްޑީއޭން ހަތަރު ކެންޑިޑޭޓުން، އެމްއެންފީން ދެ ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

ސިޔާސީ ޕާޓީތަކުން މަޖިލިސް އިންތިޚާބަށް ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދަކީ 238އެވެ. އެއީ 22 އަންހެން ކެންޑިޑޭޓުންނާއި 216 ފިރިހެން ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަނީ 20 އަންހެން ކެންޑިޑޭޓުންނާއި 110 ފިރިހެން ކެންޑިޑޭޓުންނެވެ.

”ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުން. ނުވަ ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނޭ. ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސްއިން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ ހަތަރު ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންދަވާފައި“ ޙަބީބު ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފައިވާ ގޮތާއި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތު އީސީން މިއަދުން ފެށިގެން އާންމުކުރަމުންދާނެ ކަމަށް ޙަބީބު ވިދާޅުވިއެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.