އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ބަލި މީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަން ޖެހެނީ ވަރަށް އުނދަގުލުންކަން ފާހަގަކޮށް، އެ ނިޒާމު ރަނގަޅު ކުރަން ކުރަނީ ކޮން މަސައްކަތެއްތޯ މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހޮސްޕިޓަލުތަކުން  ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ބަލި މީހުން މަޑު ކުރަން ޖެހޭ ވަގުތު ވެސް ކުޑަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މިދަނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސްޕެޝަލިސްޓުން ގިނަ ކުރެވެމުން، އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށެވެ.

”ދެން ހޮސްޕިޓަލްގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑު ކުރާ ގޮތަށް ބައްޓަން ކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަ ކުރެވޭ. ތި ވިދާޅުވި ކަންތަކަށް ޙައްލެއް ގެނެވޭނެ މަސައްކަތްތަކެއް މި ކުރަނީ.“

ރައީސް ވިދާޅުވީ ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން އިތުރު ކުރެވޭ ވަރަކަށް އިންތިޒާރުގައި މަޑު ކުރެވޭ ވަގުތު މަދުވެގެން ދާނެ ކަމަށެވެ.