ވެރިރަށް މާލޭގެ ލަކުޑި ގުދަނަކުން މިއަދު ހަރުފައެއް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކުރާ ޓިމްބާ ހައުސްގެ ލަކުޑި ގުދަނަކުންނެވެ. ހަރުފަ ފުރަތަމަ ފެނުނީ އެގުދަނުގެ ލަކުޑި ތަކެއްގެ ތެރޭ އޮއްވައެވެ.

މި ހަރުފައިގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ބޮޑު ހަރުފައެކެވެ. އަދި ބަލާ ބެލުމަށް ވައްތަރީ ޕައިތަން ހަރުފައަކާއެވެ.

މި ހަރުފަ ފެނުމާއެކު ސިފައިންނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ހަރުފަ ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ނައްތާލާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެކުރިން ވެސް މިފަދައިން ލަކުޑި ގުދަން ތަކުންނާއި ކޮންޓެއިނާ ތަކުން ހަރުފަ ފެނިފައި އެބަ ހުއްޓެވެ.