ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.
މަންދޫބެއްގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:
18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.
އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައި ނުވުން.
ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިހާބީ ކުށެއް ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތައް އީސީން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަން ޖެހޭނެއެވެ.
މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކަށް އީސީން ޑިޖިޓަލް ފާހެއް ދޫކުރާނެ ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުމަށް ފަހު މެއިލް އީސީއަށް ލިބިފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށެވެ. މަންދޫބުންގެ ފޯމު ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް ނުވަތަ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފެބްރުއަރީ 16 އިން 24 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކަަމަށް އީސީން ބުނެއެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ކަމަށެވެ
