މިދިޔަ ސަރުކާރުން ލޯނު ނަގައިގެން ހިންގި މަޝްރޫޢުތަކުން ރައްޔިތުންނަށް ލިބުނު މުއްސަނދިކަމެއް ނެތް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫ، އަދި މަރަދޫ ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ޤައުމުގެ އިޤްތިޞާދު ވަނީ މިއިން ޒަމާނަކު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯނު، ކޮންމެ އަހަރަކު ނަގަމުން ދިޔަ ކަމަށެވެ.
”މީގައި ލޯނު ނެގުމެއް ނޫން މައްސަލައަކީ. އަޅުގަނޑުމެންނަށްވެސް މަސައްކަތް ކުރެވޭނީ، ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ، ހަމަ އެކިކަހަލަ ފައިނޭންޝަލް ފެސިލިޓީތައް ހޯދައިގެން. ލޯނު ނަގައިގެން. ނޫނީވިއްޔާ އެހެންކަހަލަ ފެސިލިޓީޒް ހޯދައިގެން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ ލާބައާއި މަންފާ ލިބޭގޮތަށް ލޯނު ނެގުމަކީ ތަފާތު ކަމެއް ކަމަށާއި، މިދިޔަ ދުވަސްތަކުގައި ނެގިފައި ހުރި ލޯނުތައް ނަގާފައި ހުރީ އެގޮތަކަށް ނޫން ކަމަށެވެ.
”އެ ނެގުނު ލޯނުތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫޢުތަކުންވާ ފައިދާ ވަރަށްކުޑަ. މިހެން މި ދެންނެވީ، މިސާލަކަށް ދަންނަވަންޏާ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އެޅުނުއިރުގައި، މިސާލެއް ދަންނަވާއިރުގައި، އެ މަޝްރޫޢަކީވެސް އޭގެ ވަކި އިންސައްތައެއް ލޯނު އަދި ހިލޭ އެހީވެސް ވަރަށްބޮޑު އިންސައްތައެއް އޮތް ޕްރޮޖެކްޓެއް. އެހެން ނަމަވެސް، އެ މަޝްރޫޢު ހިނގަމުންދިޔައިރުގައި، އެތައް ރައްޔިތުންނެއް ދިޔައީ މުއްސަނދިވެގެން.“
ރައީީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ކުރިއަށް ގެންދަންހުރި މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ނަގަންޖެހޭ ލޯނެއް ނަގަމުންދާނީ، ރައްޔިތުން މުއްސަނދިވާ ގޮތަށް ކަމަށެވެ.
އެ ލޯނުތައް ނަގާނީ ރައްޔިތުންގެ ޖީބަށް އެއިން ފައިސާ ލިބޭގޮތަށް ކަމަށާއި، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
”ދެވަނަ ކަމަކަށް، އެ ނަގާ ލޯނެއްވިއްޔާ، ދިގު މުއްދަތަށް ބަހާލައިގެން، ވީހާވެސް ލުއިގޮތަކަށް، އަޅުގަނޑުމެންގެ އިޤްތިޞާދަށް ކަތާ މިންވަރަކުން ނެގޭ ލޯނުތަކެއް ނަގައިގެން، އިޤްތިޞާދު ކުރިއަރުވައި ތަރައްޤީ ގެންނާނީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން މަސައްކަތްތައް މިދަނީ ކުރަމުން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ މި ސަރުކާރުގައި މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި، 20 އެއްބަސްވުން އެކުލަވާލިއިރު، ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ނޫނީ ނެގި ލޯނެއް ނުވަތަ ހޯދި އެހީތެރިކަމެއް ވެސް ނޯންނާނެ ކަމަށެވެ.
ި
