އެމްޑީޕީގެ ކުރީ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައީ ނުވަހާސް މިލިއަން ރުފިޔާގެ ބިލު ނުދައްކާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ގއ.ގެމަނަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ދެ ތިން ހަތަރު ކުންފުންޏެއް ފިޔަވާ، އެހެން ކުންފުނިތައް ވަނީ ބަނގުރޫޓު ކޮށްލާފައި ކަމަށެވެ. ރައީސް ވަނީ ކުންފުނިތަކުން ސަބް ކޮންޓްރެކްޓް ކުރުވައިގެން ރައްޔިތުންނަށް ދޭން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރިކަން ފާހަގަކުރައްވައިފައެވެ.

”ނުވަހާސް މިލިއަން ރުފިޔާގެ ފައިސާ، ބިލުތައް ސަރުކާރުގެ ފަންސާހަކަށް ކުންފުންޏާ ވުޒާރާތަކުން ކަންކަން ކުރުވާފަ، މިދިޔަ ސަރުކާރު ނިމުނުއިރުގަ، އެ ސަރުކާރުން ނުދީ އެބައޮތޭ.“ ރައީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ ނުވަ ބިލިއަން ރުފިޔާގެ ބިލު ނުދައްކާ ވެރިކަމުން ފައިބައިގެން ދިޔުމަށްފަހު، މިހާރު އިދިކޮޅު ފަރާތްތަކުން ކިޔަމުންދަނީ މި ސަރުކާރުން ބިލު ނުދައްކާ ވާހަކަ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އަންނަނީ ކުންފުނިތައް ހަރުދަނާކޮށް، ވީވަރަކުން ފައިސާ ވެސް ދައްކަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީއާއި  ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާ ހެލްތު މިނިސްޓްރީ ފަދަ ތަންތަނުން ވެސް، މަސައްކަތް ކުރުވާފައި، ފައިސާ ނުދީ އެބަހުރި ކަމަށާއި، މި ސަރުކާރުން އެ ފައިސާ ދައްކަމުންދާ ކަމަށެވެ.