މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، މިހާތަނަށް 29،300 މީހުން ޝަހީދު ކޮށްލާފައިވާއިރު، ހަނގުރާމަ ހުއްޓާލަން ޕްރިންސް ވިލިއަމް ގޮވާލައިފިއެވެ.
މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން މިހާރު ދެމުން އަންނަ އުދުވާނީ ހަމަލާތަކާ ދެކޮޅަށް އިނގެރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތަކުން ބަސް ބުނި ފުރަތަމަ ފަހަރެވެ. ޕްރިންސް ވިލިއަމް ވަނީ ހަނގުރާމައިގައި މިހާރު މާ ގިނަ މީހުން މަރުވެއްޖެ ކަމަށާއި، މިހާރުން މިހާރަށް ވެސް ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ.
އޭނާ ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށާއި، ރަހީނުން ދޫކޮށްލަން ވެސް ގޮވާލާފައެވެ.
މާގިނަ މީހުން މަރުވެއްޖެ ކަމަށް ބުނެ، އިޒްރޭލް-ފަލަސްތީނު ހަނގުރާމަ ހުއްޓާލަން ޕްރިންސް ވިލިއަމް ގޮވާލީ ފަލަސްތީނުގައި ތިބި ރެޑް ކްރެސެންޓުގެ އޮފިޝަލުންނާ ވީޑިއޯ މެދުވެރިކޮށް ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.
