ޕެނަޑޯލް 500ގ ގުޅަ ބޭހަށް ދިމާވި މައްސަލަ އާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި، އެ ބޭސް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އަލުން ދީފިއެވެ.
އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ބޭސް ގުޅަތައް ޓެސްޓުކޮށް ބެލުމުން ބޭހުގައި ހުންނަން ޖެހޭ ވަރަށް (ކޮންޓިޓޭވިޓް ޓެސްޓުން) ބޭހުގެ ބާރުހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ.
އަދި މި ކުރިން މައްސަލަ ދިމާވި މި ބޭހުގެ ބެޗު މިހާރު ރާއްޖޭގައި ނެތްކަން ވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
އެމްއެފްޑީއޭއިން މީގެ ކުރިން ބުނީ ޕެނަޑޯލުން ފާހަވި މައްސަލައަކީ ބޭހުގެ ޕެނަޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވުމެވެ.
އަދި މިހެން ދިމާވަނީ ބޭސް އުފުލާގެންގުޅުމާއި ގުދަންކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރެވުމުން ކަމަށް އެ އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ވަނީ ބޭސް އުފުލާގެންގުޅުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައެވެ.