ރާޅާއެޅުމަށް ފަތުރުވެރިން ބޭނުންކުރާ ކަނދު އުފުލުމަށް މޯލްޑިވިއަން އިން ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ގދ. ގައްދޫ، ފެހިވިނަ، އަހްމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސާފިންގެ ދާއިރާގައި އުޅޭ ފަރާތްތަކަށް އެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެގޮތުން ގައްދޫއަކީވެސް ސާފިންގެ ރޮނގުން ފާހަގަކޮށްލެވޭ ރަށެއް ކަމަށެވެ. އެހެންކަމުން އަހްމަދު ރަޝީދު އެދިލެއްވި ގޮތުގެ މަތިން ކަމާ ގުޅުން ހުރި އިދާރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު އަގުތަކަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
”އަގު ކުޑަ ކޮށްދޭނަން، ވީހާވެސް ބޮޑަކަށް.“ ރައީސް ވިދާޅުވިއެވެ.
މޯލްޑިވިއަން އެއާލައިން އިން ސާފް ބޯޑު އެއް ރަށުން އަނެއް ރަށަށް އުފުލާ ދެނީ ޑޭޝް 8 މަރުކާގެ ބޯޓުގައި ބަގޭޖް ކޮމްޕާޓްމެންޓުގައި ޖާގަ އޮންނަ މިންވަރަކުންނެވެ.
