ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު އިފުތިތާހު ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢު އިފުތިތާހު ކޮށްދެއްވާފައިވަނީ، މިއަދު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.
އެގޮތުން ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް 4 ރަށެއްގައި މިއަދު މި ޚިދުމަތް ދޭން ފަށާނެކަމަށެވެ.
އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވެފައެވެ.
އަދި ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
