އެމެރިކާ ސަރުކާރުގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް، ރިޗާޑް ވަރުމާ ރާއްޖެ ވަޑައިގެންފިއެވެ.

މި ޒިޔާރަތުގައި އޭނާ ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ މިއަދު ބައްދަލުކުރައްވައިފައެވެ.

ވަރުމާ ރާއްޖެއަށް ވަޑައިގެންނެވީ އިންޑޯ ޕެސިފިކް ޕާޓްނަރުންނާއެކު އެމެރިކާ އިން ބާއްވާ ގުޅުން ވަރުގަދަ ކުރުމަށް ކުރައްވާ ދަތުރެއްގެ ތެރެއިންނެވެ.
އެ ދަތުރުގައި އޭނާ ވަނީ އިންޑިއާ އަދި ސްރީ ލަންކާއަށްވެސް ވަޑައިގެންފައެވެ.

ވަރުމާ އާއެކު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ދެ ގައުމުގެ ރައްޔިތުންގެ ދެމެދު އޮތް ގުޅުމާއި އިގުތިސާދީ ތަނަވަސްކަމާއި މޫސުމީ ފިޔަވަޅުތަކާއި ދިފާއީ އަދި ސަލާމަތީ ދާއިރާ ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

އޭގެ އިތުރުން ވިލުންތެރި އަދި ފާގަތި ރާއްޖެއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާމެދުވެސް ދެ ގައުމުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.