ގއ.ގެމަނަފުށީގައި މިހާރު ތާރު އެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން، އެހެން މަގުތަކުގައިވެސް ތާރު އަޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ގއ.ގެމަނަފުށީ، ހުސްނޫގޭ، ސަމީރު އަހުމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ގެމަނަފުށްޓަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަކޮށް ސަމީރު ބުނީ، އެ ރަށު ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް މުހިންމު ކަމަށާއި އެކަން ކުރެވޭނެ ވަކި ތާރީހަކާ ގުޅޭ ގޮތުން ސުވާލު ކުރިއެވެ.
އަދި ހަމައެހެންމެ އެ ރަށުގައި ތާރު އެޅުމަށް ނިންމާފައިވަނީ ފަސް މަގެއްގައި ނަމަވެސް އާބާދީ ބޮޑު ރަށެއްގެ އިތުރުން މަސްވެރިކަމަށް ވެސް މަސައްކަތް ކުރާ ރަށަކަށްވުމާއެކު ވީހާވެސް ގިނަ މަގުތަކެއްގައި ތާރު އަޅާދިނުމަށް ސަމީރު ވަނީ ރައީސްގެ އަރިހުން އެދިފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގެމަނަފުށީ ސްކޫލްގައި މަލްޓި ޕާޕޯސް ހޯލް މި އަހަރު ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ މަގުތަކުގައި ތާރު އަޅާއިރު މިހާރު ކަނޑައަޅާފައިވާ ފަސް މަގުގެ ބަދަލުގައި ގިނަ މަގުތަކެއްގައި ތާރު އަޅާ ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ އެ ރަށުގެ ބަނދަރު ސިނާއީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
