އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. އަންނަ މަހުގައި އެ މަސައްކަތް ބަޔަކާ ހަވާލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި ބަންކަރިން ހިދުމަތަށް މި ސަރަހައްދު ވަންނާނެ ކަމަށެވެ.
އަދި އެކަން އެ ހިސާބަށް ދިޔައީމަ، ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ނުވަތަ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އެ ވިޔަފާރި ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތް ފެށުމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ވަރަށް ބޮޑެތި ވިޔަފާރީގެ ހަރަކާތްތަކެއް ތަނަވަސްވެގެންދާނެއެވެ. އެއާ އެކީގައި ރާއްޖެ އަށް އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީ ކުރެވި، ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައިވާ ކަމަށާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތުގެ ދަށުން، މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.