ހއ.ވަށަފަރުގެ ރައްޔިތުން އެދޭގޮތަށް، މި އަހަރުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު އުތުރުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ވަށަފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ފެނާ ނަރުދަމާ ގާއިމު ކުރުން ފަދަ ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ސަބަބުތަކަށް އަލިއަޅުވާލައްވައި، މަޝްރޫއުތައް ނިންމުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ފައިސާ ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން، މި އަހަރުގެ ބަޖެޓު ފާސްކުރިއިރު، މަޝްރޫއުތައް ނިންމަން ބޭނުންވާވަރާ ގާތަށް ވެސް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެހެންވީމަ، ގިނަ ހިނގަ ހިނގާ ހުންނަ މަޝްރޫއުތައް ނުނިންމިގެން މި އުޅެނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް ޑރ.މުހައްމަދު މުއިއްޒު ހއ.ވަށަފަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ބަޖެޓުގެ ތާށިކަމާއި އެކުގައި ވެސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީއެންމެ އަވަހަށް މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށްގެން ފަށަނީ، ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާއިއެކުގައި، އެ މެނޭޖް ކުރަމުން، ހަރަދުތައް ދެކޮޅު ޖައްސަމުން ކަމަށެވެ.