ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
”އަހަރެއްގެ ތެރޭ 130 މިލިއަން ޑޮލަރު ފަހަށް ރައްކާ ކުރެވޭ މި ފަންޑަށް ޖަމާވާނެ. ޒިންމާދާރު ރިފޯމުތަކާއެކު މި ޤައުމުގެ ކުރިމަގު ދާނީ ބާރު ސްޕީޑުގައި ކުރިއަށް.“ ކުރީގެ މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންގެންދާ ކަމަށެވެ.
އެގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.
