އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބާރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫޢު އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމަށާއި، އަދި މަޝްރޫޢު ކުރިއަށްދާއިރު ރިންގު ރޯޑެއްވެސް ތަރައްޤީ ކުރެވިގެންދާނެކަމުގައެވެ.

”އިޤްތިޞާދު ރަނގަޅުކުރުމަށް މިރަށުގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތަކީ އިކޯ ޓުއަރިޒަމްގެ ބޮޑު މަޝްރޫޢު. މި މަސައްކަތަށް އިންޓަނޭޝަނަލް ބިޑިންއަކަށް ހުޅުވާލާނަން. މިއީ ރަށަށް ފައިދާ ބޮޑުވާނެ މަޝްރޫޢުއެއް.“ ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުވެ، އާއި ރަށުގެ އާއްމު ޙަލަތުވެސް ރަނގަޅުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބާރަށު ޖެޓީގެ މަސައްކަތްވެސް ވަޢުދުވެވަޑައިގެންނެވިގޮތަށް ކޮށްދެއްވާނެކަމަށާއި، އަދި ޖެޓީ ހަދާއިރު މަސްވެރިކަމަށް ޚާއްޞަ ޖެޓީއެއް ހަދައިދޭނެކަމަށެވެ.