އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައްވައިފިއެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ 11 ފެބްރުއަރީ ވަނަ ދުވަހުއެވެ. އަދި އެ އިސްލާހު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ 12 ފެބްރުއަރީގައެވެ.
ރައީސް މުއިއްޒު މި އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުން އެދިވަޑައިގެންނެވެ.
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސްއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސްއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީކަމަށް، ބިލު އަނބުރާ ފޮނުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
އަދި، މިގޮތުން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް ބަޔާންކޮށްދެއްވާފައިވެއެވެ.
