މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިދިކޮޅު އެމްޑީޕީން ކާމިޔާބު ކުރަންޖެހެނީ ސަރުކާރުން ދޮގު ހަދާފާނެތީ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ”މިސްރާބު ހަމަ މަގަށް“ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
އީސް ސޯލިހު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތުން ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށާއި، ގައުމުގެ މިސްރާބު ކަސިޔާރުވެ، ހަމަ މަގުން ނައްޓާލައިފި ކަމަށެވެ.
”ދޮގު ހަދައިފި، އޮޅުވާލައިފި. މިއަދުވެސް ދޮގު ހަދަނީ، މިއަދު ވެސް އޮޅުވާލަނީ. އަޅުގަނޑުމެން މި ހަމަ މަގަށް ނާޅުވައިފިއްޔާ، މާދަމާ ވެސް ހަދާނީ ދޮގު، މާދަމާ ވެސް އޮޅުވާލާނީ. އެހެންވެ، މި އިންތިހާބު އަޅުގަނޑުމެންނަށް މުހިންމުވަނީ.“ ސޯލިހު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވީ، އަދި ތިން މަސް ފުރުނު އާ ސަރުކާރުން މިހާރު މަސްވެރިންނަށް ވެސް އޮޅުވާލާފައިވާ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް ވެސް އޮޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
”ޕްރޮޖެކްޓުތައް ހުއްޓާލައިފި، ސިޔާސީ ވަޒީފާ އިންތިހާއަށް އިތުރު ކޮށްފި.“
ރައީސް ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި، މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ އިތުރު ސަބަބަކީ ރާއްޖޭގެ ހާރިޖީ ގުޅުންތައް ހީނަރުވެ، ބާކީވުމެވެ.
