ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަމަށާއި، ސްކޫލު އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާކަމަށާއި، މިހާރު ހުރި ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

އަދި ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށާއި، ރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ވަސީލަތްތައް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް ގެ ޚިދުމަތް ބޭނުންވާކަމުގައިވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ތަފްސީލީ ގޮތެއްގައި ރައީސް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.