އެމްޑީޕީން ރާއްޖޭގެ ތަސައްވުރު ގޯސްކުރަން އެކި ވާހަކަ ފަތުރަނީ، އެ ޕާޓީން ބޭނުންވި ގޮތަށް ރާއްޖެ ބަނގުރޫޓު ނުވުމުން އެކަމާ ކޯފާ ވެގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ، ށ.މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ގައުމުގެ މިސްރާބު ކަސިޔާރު ވެފައިވާ ކަމަށް ވިދާޅުވެ، ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތުގައި އެ ޕާޓީގެ އެޑްވައިޒަރު، އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ވެސް ސައީދު ރައްދު ދެއްވިއެވެ. ސައީދު ވިދާޅުވި، މިސްރާބު ކަސިޔާރު ވުމުން، ގައުމު ހިންގަން ފެންނާނީ ކަރުދާހާއި ޕްރިންޓަރު ކަމަށާއި، މިސްރާބު އޮޅުމުން، ގައުމުގެ ކަނޑުގެ ސަރަހައްދުން ވެސް ބައެއް ގެއްލިގެންދާ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، އެމްޑީޕީން އޮތީ ވަކި ދުވަހެއްގައި ރާއްޖެ ބަނގުރޫޓު ކޮށްލަން ރާވާފައި ކަމަށެވެ.

 

”މި ބޭފުޅުން އަރާ ދޮޅުމަހެއްގެ ތެރޭގައި، ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑިވިދާޅުވާނެ ކަމެއް ނެތީމަ، ކޮންމެވެސް ވާހަކައެއް ދައްކަން ވެގެން، ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަން އުޅުނަކަސް، އެކަމެއް ނުވާނެ. ހިސާބު ޖަހާފަ އޮތީ، ވަކި ދުވަހެއްގެ ގައުމު ބަނގުރޫޓު ކޮށްލަން. ހަމަ ބަރާބަރަށް ޑިޒައިން ކޮށްފަ، ބަރާބަރަށް ޑިޒައިން ކޮށްފަ، ބައެއްގެ އެހީތެރިކަމާއިއެކު، އޭރުގެ ފޮރިން މިނިސްޓަރާ، އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ، ހިސާބު ޖައްސަވާފަ އޮތީ ރާއްޖެ ބަނގުރޫޓުކޮށްލަން.“ ސައީދު ވިދާޅުވިއެވެ.

ރަޖިސްޓްރީ ނުކުރާ ނޫސްތަކުގައި، ރާއްޖެއާމެދު ނުބައި ތަސައްވުރެއް އުފައްދަން އެމްޑީޕީން މަސައްކަތް ކުރަނީ، ރާއްޖެ ބަނގުރޫޓު ނުވުމުން އެކަމާ ކޯފާ ވެގެން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމު ނާމާން ކަމެއްގެ ތެރެއަށް ވައްޓާލައި، ހަރުމުދާ ވެސް ވިއްކާ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައީީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެ އަދަދު 700 ނުވަތަ 800 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.