ށ.ފުނަދޫގެ ހޮސްޕިޓަލާއި، އެއާޕޯޓު ބޮޑުކޮށްދީ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ތަރައްގީއަށްޓަކައި ފުނަދޫގެ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި، އޭގެތެރޭގައި އެއާޕޯޓުގެ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ ކަމަކަށް ހަގީގީ ސިފަ ގެނެސްދޭނަމޭ، ނަތީޖާ އަޅުގަނޑުމެން ނެރެދޭނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުނަދޫގެ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅު ވުމަކީ، އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، ހިދުމަތުގެ ގޮތުން ވެސް، އިމާރާތުގެ ގޮތުން ވެސް، މުވައްޒަފުންގެ އަދަދުގެ ގޮތުން ވެސް، ހޮސްޕިޓަލުގެ ފެންވަރު ހުރިހާ މާނައެއްގައި ވެސް ރަނގަޅު ކޮށްދިނުމަށްޓަކައި، ރަނގަޅު މަސައްކަތްތަކެއް ކޮށްދޭނެ ވާހަކަ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ފުނަދޫ އެއާޕޯޓުގެ ޖާގަ އިތުރު ކުރުމާއި، ފްލައިޓުތައް އިތުރު ކުރުމާއި ރަންވޭ ދިގު ކުރުމަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ ތެރެއިން ކުރަން ނިންމާފައިވާ ކަންކަން ކަމުގައެވެ.
”އެހެންވީމާ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ އެއާޕޯޓު ތަރައްގީ ކޮށްދީ ބޮޑު ކޮށްދޭނަން.“
ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތަކެއްވެސް ފުއްދަވައިދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
