އެމަނިކުފާނު ބޭނުންފުޅުވެލެއްވީ ރަމަޟާން މަހުގެ ކުރިން މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ކަމަށާއި، ނަމަވެސް އެކަމަށްޓަކައި، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކޮށް ނުދިނީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ­މިއަދު ނ.ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބު ފަސްކުރުމުގެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު ވަނީ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެ ބިލު އަނބުރާ ފޮނުއްވެވި ނަމަވެސް ބިލަށް އުނި އިތުރެއް ނުގެނެސް ދެވަނަ ފަހަރަށް މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ. ދެވަނަ ފަހަރަށް އެ ބިލް ފާސް ކުރީ 47 މެންބަރުންގެ ތާއީދާއެކުއެވެ.

ރައީސް ވިދާޅުވީ، ރޯދަ މަހުގައި އިންތިހާބު ބޭއްވުމަކީ އެމަނިކުފާނު ވެސް ބޭނުންފުޅުވެލެއްވި ގޮތެއް ނޫން ކަމަށެވެ.

”މިހާރު އޮތް މަޖިލީހުން، އެއްގޮތަކަށް ވެސް ބޭނުން ނުވީ، ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު ބަދަލު ކޮށްދޭން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރޯދަމަހަކީ އަޅުކަމުގެ މަސް ކަމުގައިވާއިރު، ރޯދަ މަހު އިންތިހާބު ބާއްވަން އެމަނިކުފާނުވެސް ބޭނުންފުޅުވެނުލައްވާ ކަމަށާއި، ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވި ސަބަބު އެމްޑީޕީން ބުނެދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަބަދުވެސް މި އިވެނީ، ރޯދައިގެ ތެރޭގައި ބޭއްވީމަ، ރައްޔިތުންނަށް އުނދަގޫވާނޭ، އެހެންވީމަ، ކީއްވެތޯ އަވަސްކޮށްލަ ނުދިނީ؟“

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އިންތިހާބު ރޯދައިގެ ފަހަށް ބަދަލުވުމުން، ރޯދަ މަހުގެ ފަހު 10ގައިވެސް، އަޅުކަމަށް ވަގުތު ހުސްނުކޮށް އުޅެންވީ ކެމްޕެއިނުގައިތޯ ސުވާލު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން، ނުރަސްމީކޮށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެމްބަރުންނާއި ވާހަކަ ދެކެވުނުއިރުގައި، ގާނޫނާއި ހިލާފު ނުވާނަމަ، ރޯދައިގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން އެމަނިކުފާނު އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން، އީސީން މަޖިލީހުގައި އެކަމަށް އެދުމުން، ކޮންމެވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ، ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެމްޑީޕީން ބޭނުން ނުވި ކަމަށް ރައީީސް ވިދާޅުވިއެވެ.

”އެބޭފުޅުންނަށް ބާރު ހިންގާ، އެބޭފުޅުން އޮޕަރޭޓު ކުރާ އެހެން ފަރާތެއް އެބައޮތް. ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގަ، އެ ޖޮއިސްޓިކް އަނބުރާ ގޮތަކަށް ޕަޕެޓްތަކެއްހެން އެނބުރެމުން މިދަނީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން.“

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.