ކަންކަން ނިންމާއި ވާނީ، ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާާމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ހުސްގޮނޑިއާ ނުލައި މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނުން ގާނޫނާހިލާފު ކަމަށް ކަނޑައެޅިއެވެ.
ނ.ކެނދިކުޅުދޫގައި މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ހުކުމާ ގުޅުވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، މަޖިލީހުން އިއްޔެ ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ބިލުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ އެކަމުގައި އެޓާނީ ޖެނެރަލްގެ ލަފައެއް ހޯދާނެ ކަމަށެވެ.
މި ދަނޑިވަޅުގައި، އުޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއް ބާރާއި އަނެއް ބާރާ ދެމެދު އަރައިރުންވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމުލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. މިއަދު ސުޕްރީމް ކޯޓުން ވެސް އެފަދައިން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެންމެން ވެސް ގައުމީ މަސްލަހަތު އިސްކުރަން ވާނެކަން ފާހަގަކުރައްވައި، ރައީސްއަށް ލަފާ އެރުވުމުގައި އެކަންކަމަށް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ދުސްތޫރީ އެ މަައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައިވަނީ، މަޖިލިސް މެންބަރުކަމުން އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމުލަ އަދަދު ގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލާއި، 72 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތާއި، 26 ވަނަ މާއްދާގެ (ނ)ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި، އަދި ހަތަރުވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ހުސް ގޮނޑިތައް ނުހިމެނޭގޮތަށް، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު، މަޖިލީހުން މާނަ ކޮށްފައިވަނީ ގާނޫނުއަސާސީގެ 18 މާއްދާއަކާ ތައާރަޒުވާގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.