ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ދެނީ ހެލްތު މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަނާއި އެންސްޕާ ގުޅިގެންނެވެ.
މިއީ ސިއްހީ ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމުގެ ހިދުމަތް، މަތިންދާބޯޓަކުން ދިނުމަށް ފެށި ހިދުމަތެކެވެ. މިގޮތުން، މިއަދުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށާފައިވާ ބޯޓުގައި، މެޑިކަލް އިމަޖެންސީގެ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ބަލި މީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއިއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވާނެއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް، އެ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ސިޔާސަތެވެ. އެގޮތުން މިއަދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވާއިރު، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހާއްސަ ކުރެވިފައިވާ DHC-8-200 ބޯޓާއިއެކު ހިދުމަތް ފެށުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު، މި ހިދުމަތް ފޯރުކޮށްދެވޭނެއެވެ.
އަދި މިހާރު މާލެ ސަރަހައްދުގައި ގާއިމު ކުރެވިފައިވާ މޯލްޑިވްސް އިމަޖެންސީ ސާވިސަސްގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލު ކެއާ ކޯޑިނޭޓް ކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމު ފުރިހަމަކޮށް ގާއިމު ކުރެވިގެން ދާނެ ކަމުގައި ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ބޯޓުގެ ލިވަރީ ޑިޒައިން ކޮށްފައިވަނީ އެބޯޓަކީ އެެއާއެމްބިއުލާންސެއްކަން އިނގޭނެ ގޮތަށް އެންމެ ފުރިހަމަކޮށެވެ. މޯލްޑިވިއަންއިން މީގެ ކުރިން ބޭނުންކުރި ނޫކުލައިގެ ލިވަރީއާއި ބޯޓުގެ އެތެރެވެސް މި ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.