އަންނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތް ދޭން ނިންމައިފިއެވެ.

މިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އެ މަނިކުފާނު ކުރިއަށް ގެންދަވާ ”ރައީސްގެ ޖަވާބު“ގައެވެ.

ނ. މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ޢިނާޔަތް ދިނުމަށް މި އަހަރުގެ ބަޖެޓް ފާސްކުރިއިރު ހިމަނާފައި ނެތް ކަމަށެވެ.

އެކަމަކު އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިގެން ތެލެސީމިއާ ކުދިންނަށް އިނާޔަތް ދެއްވުމަށް ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދޭން ފަށަން ގަސްތުކުރަނީ.“ ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ފަސް އަހަރުގެ ތެރޭގައި ތެލަސީމިއާ ބަލީގެ 50 ކުއްޖަކަށް ބޯންމެރޯޓްރާންސްޕްލާންޓް ހަދައިދޭން ވެސް ނިންމައިފައެވެ. އެއީ އަހަރަކު 10 ކުދިންނަށެވެ. އަދި އެކަމަށް ޒަކާތު ފަންޑުން އެހީވާނެއެވެ.