ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ދިވެހި ރައްޔިތުންނަށް ތަކުރާރުކޮށް ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުފުޅަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރައްވާނެ ވައުދުފުޅެވެ. ރައީސް ވިދާޅުވާ ގޮތުންނަމަ، ތަރައްގީގެ އެއްވެސް މަޝްރޫއުއަކަށްވުރެ، ގައުމުގެ މިނިވަންކަމާއި، އަމިއްލަ ގައުމުގެ އިސްތިގްލާލް ހިމާޔަތް ކުރުން މާ މުހިންމެވެ. ވަކި ގައުމަކަށް ބަރޯސާ ނުވެ، ދިވެހީންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހައްދަވާދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅަށް ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ނުހުރެވޭނެކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުވުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީީސް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމުގެ މަސައްކަތް، ފުރަތަމަ ދުވަހު ވެސް ފެއްޓެވިއެވެ.
އެ ދުވަހު ފެއްޓެވި މަސައްކަތުގެ ދަށުން، އިންޑިއާ އާއިއެކު ކުރި މަޝްވަރާތަކަށް ފަހުގައި، އެ ގައުމުގެ ސިފައިން ބޭލުމަށް އެއްބަސްވެ، ލިޔުމުގައި ސޮއި ކުރެވި، މި މަހުގެ 10 ވަނަ ދުވަހު އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މި ގައުމުން ބާލާނެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވާށެވެ. އެ އުޅަނދުތަކުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ނަމުގައެވެ.
ނަމަވެސް މިހާރު އިމަޖެންސީކޮށް ވައިގެ މަގުން ބަލި މީހުން އުފުލުމަކީ، ދިވެހީންގެ ގައުމީ އެއާލައިނުން ދޭ ހިދުމަތަކަށް ރައީީސް މުއިއްޒު މިވަނީ ބަދަލު ކުރައްވަވާފައެވެ. އެ ބަދަލު ގެނެސްދެއްވީ، ވައުދުފުޅާއި އެއްގޮތަށް، އިއްޔެ ރާއްޖޭގައި އަލަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެއްޓެވުމާއިއެކުގައެވެ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވާން ދިވެހި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.
މި ހިދުމަތުގެ ދަށުން، ފުރަތަމަ ފްލައިޓް ހދ.ކުޅުދުއްފުއްޓަށް ރޭ މެންދަމުގެ ވަގުތެއްގައި ވަނީ ދަތުރުކޮށްފައެވެ. އެ ސިޓީން ބަލި މީހަކު ގެނެެސްފައި ވަނީ މާލެއަށެވެ.
މީގެ ކުރިން ވައިގެ މަގުން ބަލި މީހުން އުފުލުމަށް، އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ކުރަމުން ދިޔަ ނަމަވެސް، ރައީީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން، އިންޑިއާ ސިފައިން ދުއްވާ އުޅަނދުތަކުގައި ބަލި މީހުން އުފުލާފައެއް ނުވެއެވެ.
ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއާ އެމްބިއުލާންސް މާޗު މަހުގެ އެއްވަނަ ދުވަހު އުދުހެން ފަށާނެ ކަމަށާއި އެއާއެކު ބަލި މީހުން އުފުލުގެ ކަންކަން ކުރާނީ އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ ބޭނުންކޮށްގެން ނޫން ކަމަށެވެ.
”ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،“ ރައީސް އޭރު ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައި ވަނީ، މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ބަލި މީހުން އުފުލުމުގެ ކަންކަން ކުރުމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
އެގޮތުން އެންމެ އުތުރާއި ދެކުނުން ކުޑައިރުކޮޅެއްގެ ތެރޭގައި މާލެ އަށް އާދެވުމުގެ އިތުރުން ކުއްލިއަކަށް ތައިލޭންޑާއި ހަމައަށް ބަލި މީހަކު ގެންދަން ޖެހުނަސް އެ މަތިންދާބޯޓުގައި ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަނާއި އެންސްޕާ ގުޅިގެންނެވެ.
މި ހިދުމަތް ދޭ ބޯޓުގައި، މެޑިކަލް އިމަޖެންސީގެ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ބަލި މީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއިއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވާނެއެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީީސް މުއިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.
