މިނިސްޓްރީ އޮފް ޔޫތު އެންޕަވާމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޔޫތު ހެކަތޯން މިއަދު ފަށައިފިއެވެ.
މި ހެކަތޯން ފަށާފައިވަނީ މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ.
މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާއިރު މި ޓީމުތަކުން ވަނީ މިހާރު މަސައްކަތްތައް ފަށާފައެވެ. ދެ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ހެކަތޯންއަކީ 30 ގަޑި އިރަށް ދިގު ދެމި ގެންދާ ޕްރޮގްރާމެކެވެ.
މި ހެކަތޯންއިން އެއްވަނަ އަށް ދާ ފަރާތަކަށް 100000 ރުފިޔާގެ އިނާމެއް ވެސް ހުށަހެޅިފައިވެއެވެ.
މި ހެކަތޯންގައި 3 ދާއިރާއަށް ޕިޗް ކުރުމަށް ހުޅުވާލިއެވެ. އެއީ:
މެންޓަލް ހެލްތު:
ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން
އިނޯވޭޓިވް މާކެޓްޕްލޭސް:
ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ- ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން.
ކްރިއޭޓަރ އިކޮނޮމީ:
ކޮންޓެންޓް ކްރިއޭޓަރުންނަސް ޑިޖިޓަލް ޕްލެތްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ވިސްނުންތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ޙައްލުހޯދައިދޭ އިނޮވޭޓިވް އެޕްތަކެއް އުފެއްދުން.
މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިލްވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެއެވެ.
މޯލްޑިވްސް ޔޫތު ހެކަތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ހަރަކާތެކެވެ.
