ކޮންމެ ދުވަހެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ތާވަލު ކުރިޔަސް، މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ ޕީޕީއެމް/ޕީއެންސީން ކަމަށް މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ރޭ ބ.އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އެމްޑިީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލެއް ފާސް ކުރުމުން، ވިސްނާވަޑައިގެންނެވުން އެދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު، އަނބުރާ ފޮނުވައިލެއްވީއެވެ. ނަމަވެސް މަޖިލީހުން ބިލު ދެ ވަނަ ފަހަރަށް ފާސް ކުރީ ވެސް އުނިކަމެއް ނުގެނެހެވެ.
އޭދަފުށީގައި ރޭ ސަލީމް ވިދާޅުވީ އިންތިހާބު ފަސް ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ، ގިނަ ދުވަސްވާ ވަރަކަށް މި ސަރުކާރު ބަލިކަށި ވެގެންދާނެ ކަމަށް ދެކިގެން ކަމަށެވެ. އެހެންނަމަވެސް އެކަން އެހެން ނުވާނެ ކަމަށާއި، ކޮންމެ ތާރީހެއްގައި އިންތިހާބު ބޭއްވިޔަސް، ކާމިޔާބު ހޯދާނީ ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަން ކަމަށް އޭނާ ވިދާޅުވިއެވެ.
”އެމީހުން އެއްގޮތަކަށް ވެސް އަދި ހީކޮށްގެން ނުވާނެ، އެ މީހުން ބޭނުންވާ ގޮތަކަށް ސަރުކާރު ބަލިކަށިކޮށްލާ، ބޭނުން ގޮތަކަށް ކަންތައް ކޮށްލެވިދާނެ ކަމަށް. އެއަށްވުރެ އަޅުގަނޑުމެން މިތިބީ ހުށިޔާރުވެގެން.“ ޕީޕީއެމްގެ ނައިބު ރައީސް، ސަލީމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާއިރު، ސަލީމް ވިދާޅުވީ އެ ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށެވެ. އެ ޕާޓީން ބޭނުންވާ ތާރީހުތަކުގައި ކަންކަން ކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު މަގާމުން ދުރު ކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފެށީ، އިހަށް ދުވަހަކު ނޫން ކަމަށާއި، އެމަނިކުފާނު ވެރިކަމުގެ ހުވާ ނުކުރައްވަނީސް އެކަން ފެށި ކަމަށެވެ.
”އަޅުގަނޑު އެ ދުވަހު ވެސް ދެންނެވިން، ލާހިކު ކުޅަދާނައެއް ނޫނޭ، ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އަންނާކަށެއް.“
އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް، ރައީީސް އަޒުލު ކުރުމަކީ އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
