ސަރުކާރަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް ދޮގު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ލޯ ކުރިމަތިން ފެންނަ ހަގީގަތް ގަބޫލު ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެ އިންޑިއާ ސިފައިން ބާލާނެކަމުގެ ޔަގީންކަން ރައީިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ރޭ ބ.އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެކަން ފާހަގަކުރައްވައި، މެއި 10ގެ ނިޔަލަށް، ހުރިހާ ސިފައިން ފޮނުވާލެވޭނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ވައުދު ފުއްދަވާތީ، އިންޑިއާ ސިފައިން ޔުނީފޯމު ބަދަލުކޮށްގެންވެސް ތިބޭނެ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.
”އަޅުގަނޑު މި ދަންނަވާ ކޮންމެ ކަމެއް މި ދަންނަވަނީ، އެކަން ކުރަން ނިންމާ، ކުރަމުންދާ ގޮތަށް. އެހެންވީމަ، 10މެއިއާއި ހަމައަށް ދާއިރުގަ، ރާއްޖޭގަ ނުތިބޭނެ އިންޑިއާ ސިފައިންނެއް.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، އެ ތާރީހުގެ ނިޔަލަށް، ޔުނީފޯމުގައި ވެސް ނުވަތަ ކުލަ ހެދުމުގައި ވިޔަސް ބިދޭސީ ސިފައިން ނުތިބޭނެ ކަމަށެވެ.
