އަމާޒުވާ ކޮންމެ ގަލަކުން ރެކެން ތައްޔާރަށް ހުންނެވި ކަމަށް ހައުސިން ޑިވޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ވ.ފެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ތެރޭގައި އޭނާއަށް އަމާޒުކޮށް އެތައް ދޮގު ވާހަކައެއް ފެތުރި ކަމަށާއި، އެކަން ފެލިދޫ ދާއިރާގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
”އަޅުގަނޑަކީ މީހަކު ދައްކާ ވާހަކައަކަށް، މީހަކު ދައްކާ ބިރަކަށް، ނޫނިއްޔާ އަޅުގަނޑު ހުރި މަގާމެއްގެ ސަބަބުން އަޅުގަނޑަށް، އޭގެ ހަގީގަތް ހާމަ ނުކުރާނެ މީހާއެއް ނޫން.“ ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ ޒާތީ ގޮތުން ފަތުރާ ވާހަކަތަކުގެ ސަބަބުން އޭނާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އެއަށްވުރެ އަޒުމް ވަރުގަދަ ވާނެ ކަމަށެވެ. އަދި ފެލިދޫ ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
