ކުރީ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އިތުރުކޮށް، ހުޅުމާލޭގެ 50 ބިމެއް އެކި ފަރާތްތަކަށް ނުހައްގުން ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިހެން ވިދާޅުވީ، މިރޭ ވ.ފެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެޗްޑީސީގެ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވެ، ފަޒުލް ވިދާޅުވީ، ނިމިގެން ދިޔަ ފަސް އަހަރު އެ ކުންފުނީގެ ދަރަނި 10 ބިލިއަނަށް އަރާފައިވާ ކަމަށެވެ.
”މި ދަރަނި މި ހިސާބަށް ގެނުވި ބަޔަކު އެބަވޭ. މިކަންކަމަށްޓަކައި ޒިންމާ އަދާކުރަން، ނުވަތަ ޒިންމާ ވާންޖެހޭ ބަޔަކު އެބަވޭ.“ ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީގެ އޮޑިޓް ރިޕޯޓުތައް ހަދައި، ހިއްސާ ކުރަން ޖެހޭ ފަރާތްތަކާއި ހިއްސާ ކުރަމުންދާކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ، އެކަން ކުރުމުގެ ތެރޭގައި، އަބުރު ކަތިލިޔަސް، ރައްޔިތުންގެ ހައްގުގައި އެއީ ކުރައްވާނެ ކަމެއް ކަމުގައެވެ. މި މައްސަލަތައް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުޅުމާލެއިން ނުހައްގުން، 50 ބިން މީހުންނަށް ދިން ވާހަކަ، ކުރިން ހާމަ ކުރައްވާފައިވާނެ ކަމަށާއި، އެކަން އެނގުނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ހުރި ހާލަތު ބެލުމުގެ ތެރެއިން ކަމަށެވެ.
”ބެލިއިރު ހުޅުމާލޭގެ ފަންސާހަކަށް ބިން ނުހައްގުން ބޭނުންކުރާ ވާހަކަ، މީގެ ކުރިން އަޅުގަނޑު އިއުލާނު ކޮށްފައިވާނެ، ޖަގަހަ ޖަލްސާއެއްގެ ތެރޭގައި. އެކަމަށްޓަކައި އަޅުގަނޑަށް ޕްރެޝަރު އައީ، އެހެންނަމަވެސް، އަޅުގަނޑު އެކަން ތަކުރާރު ކޮށްލާނަން.“
ފަޒުލް ވިދާޅުވީ ނުހައްގުން ބޭނުން ކުރަމުންދާ ބިންތައް ހުރީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ކަމަށާއި، އެ ބިންތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
