ސަރުކާރުގެ ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ނުވަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އަހްމަދު އުޝާމް ވިދާޅުވީ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމު ކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށްޓަކައި މަޖިލީހަށް ބިލެެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އަދި ބިލު ފާސްވެގެން ދިއުމުން ކަފާލާތުގެ ނިޒާމު މިހާރަށްވުރެ ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބިމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި މުޅިން އައު ބިމާ ބެހޭ ގާނޫނެއް އުފެއްދުމުގެ ބިލެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

”އެ ބިލުގައި ވާނީ ކޮންވެންސިންނާ ލޭންޑް ރީ-އެޖެސްމެންޓާ ބެހޭ ބައިތަކެއް ހިމަނާފައި. އަދި ފްރީ ހޯލްޑް އަދި ލީޒް ހޯލްޑް އުސޫލުގެ ބައެއް ވެސް ވާނީ އެ ގާނޫނުގައި ހިމަނާފައި.“ އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލުތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ބިލާއި، ބިމާ ބެހޭ ބިލާއި، އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލާއި، ޓްރެވަލް އޭޖެންސީއާ ބެހޭ ބިލާއި، ކޮޕީރައިޓްސް ބިލަށް އިސްލާހް ގެނައުމުގެ ބިލާއި، ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.