ނީލަން ފިހާރަތައް ހިންގުމަށްޓަކައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިން ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މާލޭގައި ހިންގަމުން ދިޔަ ނީލަން ފިހާރަތަކުގައި އަލިފާން ރޯވުމާއެކު އެތަންތަން ހިންގާނެ ބިމެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ކަނޑައަޅައި، އެކުލަވާލި ”ހަފްތާ 14“ މަގުޗާޓުން ހާސިލްވެފައިވާ ކަންކަން ހިއްސާކުރުމަށް ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ނީލަން ފިހާރަތައް ހިންގާނެ ވަގުތީ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުން ބިން ހަމަޖެހިފައިވާއިރު މިހާރު ކުރިއަށްދަނީ އިން ވަކިކުރުމާއި، އެކަން ފުރިހަމަ ކުރަން ޖެހޭ އެހެނިހެން ކަންކަމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހާރަ އެއްކޮށް އަނދާ ހުލިވިއެވެ.
