އަންނަ ހޯމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް 11 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަންނާނެކަމަށެވެ.
ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އަދި ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ، އާދައިގެ ހަނޑުލުންނަމަ، 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުންނަމަ، 70 ރުފިޔާ، ރަތް ހަނޑުލުންނަމަ، 80 ރުފިޔާ ބާސްމަތީ ހަނޑޫ (އާދައިގެ)ނަމަ، 70 ރުފިޔާ، ބާސްމަތީ ހަނޑޫ (މޮޅު)ނަމަ 100 ރުފިޔާ، ބާސްމަތީ ހަނޑޫ (އެންމެ މޮޅު)ނަމަ 125 ރުފިޔާ، އާދައިގެ ފުށް ނަމަ 10 ރުފިޔާ އާޓާ ފުށުން ނަމަ، 75 ރުފިޔާއެވެ.
ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވެއެވެ.
މިގޮތުން ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.
