ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން އެހީ ދިނުމުގެ ތެރެއިން ވައްޓާލި އެހީގެ ފޮށިތަކެއް ދަށުވެ، ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެއްޖެއެވެ.
މި ހާދިސާގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނެއެވެ.
އެ ނޫސްވެރިޔާ ބުނި ގޮތުގައި ޝަހީދުވި ފަސް މީހުންގެ ތެރެއިން ދެ މީހަކު، ހަމަ އެ ވަގުތު ވަނީ ޝަހީދުވެފައެވެ. އަދި އަނެއް ތިން މީހަކު ކަމާލް އަދުވާން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުން ދަނިކޮށް ޝަހީދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ފަސް ޝަހީދުންގެ ތެރޭގައި، ދެ ފިރިހެން ކުއްޖަކު ހިމެނޭއިރު، 11 މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު، ޔަހޫދީންނާއި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ފެށި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އުތުރުގެ ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާއިރު، ކާބޯތަކެއްޗާއި ސިއްހީ ސާމާނު ލިބުމުން އެމީހުން ވަނީ މަހްރޫމްވެފައެވެ.
އެހެންކަމުން ވައިގެ މަގުން ދޭ މިފަދަ އެހީ ޣައްޒާގެ ރައްޔިތުން ވަރަށް ބޮޑަށް މުހިންމެވެ.
