ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޅ.އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްގީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ޅ.އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްވެހިގެ މަރާމާތު ކުރަން ބޭނުންވާކަމަށާއި ފިކްނިކް އައިލެންޑެއްގެ ގޮތުގައި ފަޅުރަށެއް ތަރައްގީ ކުރުމުގެ މުހިންމުކަމާއި ވެލިނެގުމަށް ހުއްދަދީފައި އޮންނަ ސަރަޙައްދާ ގޮތުން އޮންނަ ކަންބޮޑުވުންތަކާއި މަސްވެރިން އެންދަމަން ބޭނުންވާ ސަރަހައްދުތަކުން އެ މަސައްކަތްކުރުމަށް އޮންނަ ހުރަސްތައް ނައްތައިލުން ހިމެނެއެވެ.
މީގެ އިތުރުން ފެރީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ފެރީ ނިޒާމުގެ ތެރެއިން ކާގޯގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.
