ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ(ސްޓެލްކޯ) އިން ބަންދުކުރި ދޮންއަދަރާދަމަގު އާންމުންނަށް ހުޅުވާލައިފިއެވެ.

އެމަގު ރަސްމީކޮށް ހުޅުވާދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ދޮންއަދަރާދަ ހިނގުން ބަންދުކުރީ 2010 ވަނަ އަހަރުއެވެ. އެހެންކަމުން، މި މަގު، ރޭ އާއްމުންނަށް ހުޅުވާލާފައި މިވަނީ 14 އަހަރު ފަހުންނެވެ.

މި މަސައްކަތަށް ސްޓެލްކޯގެ ބަޖެޓުން 4.8 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގައެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ މަގެކެވެ. އެމަގު ބަންދުކުރުމަށްފަހު ސްޓެލްކޯގެ 17 އިންޖީނެއް އެތަނުގައި ބެހެއްޓިއެވެ. ނަމަވެސް  އެ އިންޖީނުތައް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.