މަސްވެރިން މިދިޔަ ހުކުރު ދުވަހަށް ބާނައި، ކިރުވި މަހަށް ފައިސާ ދީ ނިންމާލައިފިއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީ، ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވިފައިވާކަން ހާމަކުރެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ނުދީ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ.

ރޯދަ ފެށުމުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުވެސް މިދިޔަ ހަފްތާގައި ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދު މިއަހަރުގެ ތެރޭގައި ފުއްދަވާނެ ކަމަށެވެ.