ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް 2 ގައި މަސް މާރުކޭޓަކާއި، ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސްމާރުކޭޓެއް މިއަދު ވަނީ ހުޅުވާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުން ކަމަށެވެ.

އެގޮތުން މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން އެ ކޯޕަރޭޝަނުން ހުޅުވާ މަސްމާރުކޭޓެއް ކަމަށާއި، އެ ތަނަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ޝަހަރުގައި ހުޅުވި މަސް މާރުކޭޓު

 

މަސް މާރުކޭޓުގެ އިތުރުން، އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެގޮތުން މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައެވެ. ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ޝަހަރުގައި ހުޅުވި މަސް މާރުކޭޓު

އަދި މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ކަމަށެވެ.

އެގޮތުން މި ރޯދަ މަހުގައި ހުޅުމާލެގައި ދިރި އުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.