ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ދިރިއުޅުއްވަން ހާއްސަކުރައްވާފައިވާ ގެކޮޅު، ހިލާލީގެއިން އެމަނިކުފާނު ނުކުމެވަޑައިގެންފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
ބައެއް ފަރާތްތަކުން ވަނީ، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގެން، ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ.
އެ ރިޕޯޓުތަކުގައިވަނީ ނައިބު ރައީސް އެކަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް ޖާސޫސް ކުރައްވާތީ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
މި ވާހަކަތައް ދޮގު ކުރައްވައި ނައިބު ރައީސް ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
”މިފަދަ ދޮގު ހަދާ މުޖުތަމައު ފަސާދަކުރުން ހުއްޓާލަން ގޮވާލަން.“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް ނައިބު ރައީސްގެ ދިރިއުޅުން ހިލާލީގެއަށް ބަދަލުކުރައްވާފައިނުވެއެވެ. އެމަނިކުފާނު އެގެކޮޅަށް ބަދަލުވާން ހަމަޖެހިފައިވަނީ މި މަހުގެ ތެރޭގައެވެ.
Mee ehves hageegatheh neh vaahaka eh. mifadha dhogu hadhaa Mujuthamau fasaadha kurun huttaalan govaalan. https://t.co/v2rqcXncNz
— Hussain Mohamed Latheef (@HucenSembe) March 12, 2024
ނައިބު ރައީސް ހިލާލީ ގެއިން ނުކުމެވަޑައިގެންނެވި ކަމަށް ބުނެ ފެތުރި ޚަބަރު އެމަނިކުފާނު ދޮގު ކުރެއްވުމުން، އެ ޚަބަރު ޝާއިއު ކުރި ޗެނަލް13ގެ ޕޯސްޓު ވަނީ ފަހުން ޑިލީޓު ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނާއި، މި ސަރުކާރާއި ގުޅުވައިގެން ގިނަ ދޮގު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރައްވާފައެވެ.