އެމްޑީޕީގެ ކުރީގެ ސަރުކާރުން ވެރިކަން ކޮށްފައި ދިޔައީ، މުޅި ގައުމު ބަނގުރޫޓުކޮށް، ވައްކަން ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައެޅުމާ ގުޅޭ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ރަނގަޅަށްކަން އެމްޑީޕީއަށް އެނގެންޖެހޭ ކަމަށެވެ.
”ތިމަންމެންގެ މެޖޯރިޓީ ގެއްލުނީމާ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރާ ހިސާބަށް ނާދެވުނީމާ، އެކަމާ ކޮންމެހެން މިތާގަ(މަޖިލީހުގައި) ކީރިތި ކުރައްވާނެ ކަމެއް ނެތް.“ ޖާބިރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަސްލު އެމްޑީޕީ ނެތްކަން އެ ޕާޓީގެ އާއްމު މެމްބަރުން މިހާރު ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަނި ނުވާނެ ކަމަށާއި، ”އަޅުގަނޑުމެން މިތިބީ ރައީސް މުއިއްޒުއާއިއެކު“ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުން ގުނަން ޖެހޭނީ، މަޖިލީހުގައި މިހާރު ހުސްވެފައިވާ ހަތް ގޮނޑި ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ދުސްތޫރީ ހަމައަށް އަމަލު ނުކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ކޯރަމް އަދި ޖުމުލަ މެމްބަރުން ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲއެވެ.
ފާސްވީ 25 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރަން ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.