ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ މަގާމުތައް ފުރުއްވާ އެކި ފަރާތްތަކާ ގުޅޭ ގޮތުން، ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުން އަންނަ ”ދިޔަވަރު“ ވެބްސައިޓު ހިންގަނީ އޭނާ ނޫން ކަމަށް ރައީީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއުވާާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ނިވަލުގައި ފިއްލަވައިގެން ހުންނަވާ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް އޭނާގެ ބޮލުގަައި މިއަދު އެޅުވީ ދޮގު ތުހުމަތެއް ކަމަށެވެ.

”ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކައި، އަޅުގަނޑުގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި ސަބަބެއް އަޅުގަނޑަށް ސާފުނުވިނަމަވެސް، އަޅުގަނޑަށް ނިސްބަތްކޮށް ދެއްކި ވާހަކައަކީ ދޮގު ވާހަކައެއްކަން ޔަޤީންކޮށް ދަންނަވަން އެނގޭ. އަޅުގަނޑު ނޫސްވެރިކަންކުރާނަމަ ކުރާނީ ކެރިގެން، ފާޅުގައި. ކުރިންވެސް ކުރީ އެހެން.“ ރާއްޖެ ޓީވީ އަދި ސަންގު ޓީވީ އާއި ޗެނަލް13ގައި ވެސް މަސައްކަތް ކުރެއްވި މިއުވާން ވިދާޅުވިއެވެ.

ރަޖިސްޓްރީ ވެސް ނުކޮށް ހިންގާ ”ދިޔަވަރު“ އަކީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އަޑީގައި ހުންނަވައިގެން މިއުވާން ލައްވައި ހިންގާ ވެބްސައިޓެއްކަމަށް ސަނީފު މިއަދު މަޖިލީހުގައި ތުހުމަތު ކުރެއްވިއެވެ.

މި ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލާގައި، އެމްޑީޕީން ރުހުން ނުދިނުމަށް ތުރީލައިން ވިޕް ނެރެފައިވާ ބައެއް ވަޒީރުންނަށް ސަނީފު ރުހުން ދެއްވުމުން އޭނާ ރިޝްވަތުގެ ފައިސާ ނަންގަވާފައިވާކަމަށް ”ދިޔަވަރު“ގައި ރިޕޯޓުކޮށްފައިވެއެވެ.
މި ތުހުމަތަށް ސަނީފު ވިދާޅުވީ ޕާޓީގެ ތުރީ ލައިން ވިޕް ނޫން ވޯޓެއް ދިނުމުން، އެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށާއި، އެ ވާހަކަ ދައްކަނީ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އަޑީގައި ހުންނަވައިގެން މިއުވާން ލައްވައި ހިންގާ ނޫހެއްގައި ކަމަށެވެ.

”ޕާޓީގެ މިއަދުގެ ރައީސް ޢަބްދުﷲ ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްކަމަށްވާ މިއުވާނުގެ ނޫހުގައި ޕާޓީގެ މެންބަރުން ފަޟީހަތްކުރުމަކީ މިދާ ދައުރުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރިކުރާ ކަމެއް،“ ސަނީފު ވިދާޅުވިއެވެ.