ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް އެކި ނަންނަމުގައި ހިންގަމުންދިޔަ 5 ޓެލެގްރާމް ޗެނަލެއް ހުއްޓުވާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް “ޖަޒީރާ އެޑްމިން”، “ޖަޒީރާ ގާރލްސް”، “ޖަޒީރާ އެސްކޯޓް ގެލެރީ”، “ޖަޒީރާ ސްކޭމް އެލާޓް” އަދި “ޖަޒީރާ ލިންކް ހަބަރު”ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި 4 ތަނެއް ބަލައި ފާސްކޮށް، މި މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށްފަހުގައެވެ.

މި ތަކެތީގެ ފޮރެންސިކް ތަޙުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މި ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ޑްރަގް ޓްރެފިކިންގއާއި ހަށި ވިއްކުމާއި، ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވޭކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.