ނިމިގެންދިޔަ ފެބްރުއަރީ މަހު، ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް 2.33 ބިލިއަން ރުފިޔާގެ އާާމްދަނީ ލިބިއްޖެއެވެ.

Ads by Asuru

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %33.7 އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީ ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %22.3 ގިނަ އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު، މި އަހަރު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މި ގޮތުން، ޖަނަވަރީ 2023 އާ އަޅައިބަލާއިރު ޖަނަވަރީ 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 11.5% އިތުރުވުމުގެ ސަބަބުން، ފެބްރުއަރީ 2024 ގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ 2023 އާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށައިފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ކަމުގައިވާތީ، އެއަހަރުގެ ފެބުރުވަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވާތީ އަދި ފެބުރުވަރީ 2024 ގައި މި އާމްދަނީ ބަލައިގަނެފައި ވާތީ، މިދިޔަ އަހަރާއި އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

ހަމައެއާއެކު، ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ، މި މުއްދަތުގެ ތެރޭގައި ލިބިފައިވާތީ، ފެބުރުވަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބްރުއަރީ މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
އަދި ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ މި މުއްދަތުގެ ތެރޭގައި ލިބިފައިވުމެވެ.
މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4% އިންސައްތަ އިތުރުވުމުގެ ސަބަބުން، ފެބުރުވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.