އެމްޑީޕީގެ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން 8000 މީހުންނަށް ރަޖިސްޓްރީ އާއި ލިޔުން ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ހައުސިން މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތެރެއިން 8394 ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ލިބިފައިވާ ކަމުގެ ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އަދިވެސް ގިނަ ފަރާތްތަކަކުން ލިޔުމާއި ރަޖިސްޓްރީއާއި ޙަވާލުނުވެ ހުރި ކަމަށާއި، ލިޔުމާއި ރަޖިސްޓްރީއާ ހަވާލުވުމަށް އެފަރާތްތަކަށް އިތުރު ފުރުސަތެއް މިމަހުގެ 16 އިން 27 އަށް ހުޅުވާލާނެ ކަމަށެވެ.
ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެކަމަށްއެދި އެޕޮއިންޓްމަންޓް ހެއްދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ އެންމެނަށްވެސް ރަޖިސްޓްރީ ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެއްވެސް މީހަކަށް ލިބުނު ގޯތި އަތު ނުލާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
